މައުމޫނުގެ 30 އަހަރުވީ ޒަމާންވީ ވެރިކަން ނިމިދިޔައިރު، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ޚާއްސަ ކުރެވިފައިވީ ރިޔާސީ ގަނޑުވަރު "ތީމުގެ" އެވެ. އެއީ މައުމޫނުގެ ދައުރުގައި ބިނާ ކުރެވުނު ޝާހީ ގަނޑުވަރެކެވެ. ވަތަން އެދޭ އިއްތިޙާދުގެ ބުރަ މަސައްކަތުން ޝާހީ ވެރިކަމުގެ އުސްމިންތަކުން މައުމޫނު ހަމަ ބިމަށް ތިރި ކުރެވި، އެޙުދުމުހުތާރު ވެރިކަމުގައި ސިއްކަ ޖެހުނުތާ، ދެމަސް ވެގެން ދިޔައިރުވެސް، ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގަތް މުޙައްމަދު ނަޝީދު، ތީމުގޭގައި ދިރިއުޅުއްވާ ތަނެއް ނުފެނެއެވެ.
މައުމޫނުގެ ވެރިކަން ނިމުމަށްފަހު ރަސްމީ ގޮތުން ފުރަތަމަ ފަހަރަށް ތީމުގެ ބޭނުން ކުރެވުނީ، އަދި އެ ގަނޑުވަރަށް ވަދެލުމުގެ ފުރުޞަރު ގިނަ ދިވެހިންނަށް ލިބިގެން ދިޔައީ، ސުމުއްވުލް އަމީރު އަލްމަރުހޫމް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީ އިއްޒަތްދީނުގެ އިއްޒަތްތެރި ވެރިޔާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ދިޔަ، 22 ނޮވެމްބަރ 2008 ވީ ހޮނިހިރު ދުވަހުއެވެ.
ރައީސް އަންނި ވެރިކަން ހޯއްދަވަން ނިމިދިޔަ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އިތުރަށް ފުރަތަމަ ބުރުގެ ކެމްޕޭން ތެރޭގައިވެސް ލައްކަ ގިނަ ވަޢުދު ވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއް ވަޢުދަކީ އެމަނިކުފާނުގެ ވެރިކަމެއްގައި ތީމުގެ ބޭނުންފުޅު ނުކުރައްވާނެ ކަމުގެ ވަޢުދެވެ. ހުރިހާ ވަޢުދެއް އަދި ފުރިހަމަ ނުކުރެވުނަސް އަދާ ހަމައަށް ނަޝީދު ތީމުގެ ބޭނުންފުޅެއް ނުކުރައްވައެވެ. ނަޝީދު ދިރިއުޅުއްވަނީ އަނބިކަނބަލުންގެ ލައިލާ އަލީ ގެކޮޅު ކަމަށްވާ މ.ޔާގޫތު ގޭގައި ކަމަށްވެއެވެ.
ދިވެހިރާއްޖޭގެ ޚަބަރު ފީތާތަކުން މިހަފްތާގައި އަޅައިގަތް ހެއްވާ ޚަބަރަކީ، ތީމުގޭގައި ސަރުކާރުގެ އޮފީސްތަކެއް ޤާއިމް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވި ޚަބަރެވެ. އޭގެ ތެރޭގައި ކޮލެޖު ސެނެޓާއި ޗާންސެލަރގެ އޮފީހާއި ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒާއި, ނޭޝަނަލް ލައިބުރަރީއާއި ނޭޝަނަލް އާރޓް ގެލަރީގެ އިތުރަށް މެރިން ރިސާޗު ސެންޓަރު ގެ އޮފީސް ހިމެނޭ ކަމަށެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.
އަދުގެ ރައީސަކީ އަދި ކިތަންމެ އާދައިގެ ދިރިއުޅުއްވުމެއް ބޭނުންފުޅު ބޭފުޅަކަށް ވިޔަސް، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ދިވެހި ސިފައިންގެ ވާޖިބަކަށް ވާހިނދު، އެކަންތައް ފަރުވާތެރިކަމާއެކު ސިފައިންގެ ބޭކަލުން ކުރިއަށް ގެންދެވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މ.ޔާގޫތުގެ ބޭނުން ކުރެއްވުމަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ސިފައިންގެ ބައެއް ބޭބޭކަލުން ގަޔާވާ ކަމަކަށް ނުވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަދި ކުރައްވަމުންދާ ބޭފުޅުންގެ އިނާޔަތްތަކާއި ބެހޭ ބިލު އެއޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ. ވެލާނާގޭގައި އެހެރަގެން ޢިމާރާތްކުރެވޭ އުސްވެގެންވާ ބިނާއަކީވެސް ސަރުކާރުގެ އޮފީސްތައް ޤާއިމް ކުރަން ހަމަޖެހިފައިވާ މާސިންގާ ތަނެކެވެ. ނެޝެނަލް އާރޓް ގެލެރީ ހުންނަންޖެހެނީ ޗައިނާ ސަރުކާރުގެ އެހީގައި އަޅަމުންދާ ދާރުލްއާޘާރުގެ ޢިމާރާތުގައެވެ. ތީމުގެ އަށް ސަރުކާރުގެ އޮފީސްތަކެއް ބަދަލު ނުކުރެވިގެން އޮފީސް ނުހިންގިގެން އުޅޭކަށް އަދި ނުވެއެވެ.
ތީމުގެ ފަދަ އަގުބޮޑު ޚަރަދު ބޮޑު ބިނާއެއް ވާންޖެހޭނީ ޤަދަރު ލިބިގެންވާ، ޤަދަރު ލިބެން ޖެހޭ، ބަޔެއް ނުވަތަ މަސައްކަތެއް އެތާ ތެރޭގައި ޤާއިމްކުރެވިފައިވާ ތަނަކަށެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު ނުވަތަ މެރިން ރިސާޗް ސެންޓަރުގެ ޢިމާރާތް، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ވުރެ ޝާހީ ހައިބަތު ބޮޑު"ތަނެއްގެ ގޮތުގައި ފެނުމަކީ ހަމަޖެހޭ ކަމެއްނޫނެވެ. މިހާރު ސުޕްރީމް ކޯޓު ޤާއިމް ކޮށްފައިވާ ޢިމާރާތަކީ އަދި އެންމެ އެކަށީގެންވާ ތަނެއް ކަމަށް އަޅުގަނޑެއް ނުދެކެމެވެ. ސްޕްރީމް ކޯޓަށް ޝައީޢަތްތައް އަޑުއަހަން އަޅުގަނޑު ވަދެއުޅެމެވެ. ފަނޑިޔާރުންގެ ބެންޗާއި ވަކީލުންގެ ބެންޗާއި އަޑުއަހަން ވަންނަމީހުންގެ ގޮނޑިތަކުން ފުރިބާރުވެފައިވާ ސުޕްރީމް ކޯޓުގެ ޝަރީޢަތް ހިނގަމުންދާ މާމަލަމުގައި އެކަނިވެސް ޖާގައިގެ ދަތިކަން ބޮޑުކަން އެތަނަށް ވަދެލުމުން ފެންނާނެއެވެ.
އެހެންކަމުން ތީމުގޭގައި، ޒިންމާދާރުކަން ކުޑަ އޮފީސްތަކެއް ޤާއިމް ކުރުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގޭގައި ޤާއިމް ކުރުން އައުލާކަން ބޮޑުވެގެން ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މުލިއާގެ އަށް ދިރިއުޅުން ބަދަލު ކުރައްވަންވީއެވެ. މައުމޫނުގެ ވެރިކަމުގެ ހައިބަތާއި ޤަދަރު ނައްތާލަން ބަޔަކު ބޭނުންވިޔަސް، ދިވެހިރާއްޖޭގެ ހައިބަތާއި، ދައުލަތުގެ ބާރުތަކުގެ ޤަދަރު ނައްތާލެވޭ ފަދަ ކަންކަން ކުރުމަކީ ގޯހެކެވެ. ހެޔޮވެރިކަމަކީ ހަމަ އެކަނި ނަންބޯޑު ބަދަލުވުމެއްނޫނެވެ.