Monday, February 9, 2009

ރަށްވެއްސަކަށް ވުމަށް އެރަށެއްގައި މެދުނުކެނޑި 5 އަހަރު އުޅެން ޖެހޭ އުޅުން ބާޠިލް ކުރުމުގެ ދަޢުވާ

އަޅުގަނޑާއި، ސ.ހިތަދޫ ނަސީމީ މަންޒިލް ބަދުރުއްދީން ނަސީމް އާއި ދެމީހުންގެ ނަމުގައި، ދަޢުލަތަށް ރައްދުވާގޮތަށް، 8 ފެބްރުއަރީ 2009 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދަޢުވާ އެކޯޓުން ވަނީ ބަލައިގެންފައެވެ. މިއީ ޤާނޫނެއްގެ މާއްދާއެއް ޤާނޫނު އަސާސީއާ ޚިލާފުވާތީ، އެމާއްދާ އުވާލަން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ.

ދަޢުވާގެ ޚުލާސާ

ޤާނޫނު ނަންބަރު 78/46 ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ވަނީ؛ "މިޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކޮށްދެވޭ މީލާދީގޮތުން 16 އަހަރު ފުރިފައިވާ މީހުން ރަޖިސްޓަރީ ކޮށްދޭނީ، އެމީހަކު ދިރިއުޅުމުގެ ގޮތުން މެދުކެނޑިމެއްނެތި 5 އަހަރުދުވަހު އުޅެފައިވާ ރަށެއްގައެވެ. އެއްރަށެއްގައި 5 އަހަރު ހޭދަކޮށްފައި ނުވާނަމަ، އެމީހެއްގެ ބައްޕަ ނުވަތަ މަންމަ ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގައެވެ. މިގޮތުން ރަޖިސްޓަރީ ކޮށްދެވޭ މީލާދީގޮތުން 16 އަހަރު ނުފުރޭ ކުދިން ރަޖިސްޓަރީކޮށްދޭނީ، އެކުއްޖެއްގެ ބަލަދުވެރިޔާ އެދޭ، އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައެވެ." މިފަދައިންނެވެ.

ޤާނޫނު އަސާސީގެ 41 ވަނަ މާއްދާ ގެ (ށ) ގައި ވަނީ؛ "ދިވެހިރާއްޖޭގައިމީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިފަދައިންނެވެ.

ޤާނޫނު އަސާސީގެ 16 ވަނަ މާއްދާ ގެ (ހ) ގައި ވަނީ؛ "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ.

އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." މިފަދައިންނެވެ.

ޤާނޫނު ނަންބަރު 78/46 ގެ 2 ވަނަ މާއްދާގެ (ށ) ގައި ވަނީ، ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) ގައި ދިވެހިރައްޔިތުންނަށް ލިބިދީފައިވާ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރި ވުމުގެ ޙައްޤު ހަނިކޮށްފައެވެ. މިޙައްޤު ހަނިކޮށްފައި މިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ވުރެ އިތުރަށެވެ.

އެހެންކަމުން އަޅުގަނޑުމެން ދަޢުވާ ހުށަހަޅާފައި ވާނީ، ޤާނޫނު އަސާސީގެ 41 ވަނަ މާއްދާ ގެ (ށ) އިން ދިވެހި ރައްޔިތުންނަށް ލިބިދޭ ވަޒަންވެރިވުމުގެ ޙައްޤު ޤާނޫނުއަސާސީއާ ޚިލާފަށް ހަނިކޮށްފައިވާތީ، ޤާނޫނު ނަންބަރު 78/46 (ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނުގެ) 2 ވަނަ މާއްދާގެ (ށ) ބާޠިލްކޮށްދިނުމަށެވެ.

މައްސަލަ ހުށަހެޅި ސަބަބާއި ލަނޑުދަނޑި

މި ދަޢުވާ ހުށަހެޅި ފަހުން އަޅުގަނޑާއި ދިމާވި ތިލަދުންމަތީ އުތުރު ބުރީ ރަށެއްގެ ކައުންސިލަރަކު ބުނީ، އޭނާ މަޤާމާއި ހަވާލުވީ ފަހުންވެސް، ވަރަށް ކުޑައިރުއްސުރެ އެރަށުން ބޭރުގައި އުޅެމުންދާ، އެރަށަށް ނިސްބަތްވާ ޢުމުރުން 60 އަހަރުން މަތީގެ މީހަކު އެރަށުގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅި ކަމަށާއި، އޭނައަށް ދޭން ޖެހުނު ޖަވާބަކީ ރަށްވެއްސަކަށްވުމާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ ކަމަށެވެ. އެއީ ވަރަށް ގިނަ މީހުން ތަޖުރިބާކުރަމުންދާ ހިތްދަތިކަމެކެވެ.

އެމީހެއްގެ އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒަންވެރިވުމަކީ، ރަށްވެއްސަކަށް ވުމާ ބެހޭ ޤާނޫނު މިހާރު އޮތް ގޮތުން، ވަރަށް ބޮޑު ތަކުލީފެކެވެ. ހަޤީޤަތުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރި ވުމުގެ "ޙައްޤު" ފުރިހަމައަށް ލިބޭނީ އެރަށެއްގެ ރަށްވެއްސަކަށް ވެވިގެންނެވެ. ރަށަކުން ބިމެއް ނުވަތަ ފެލެޓެއް ލިބޭނީ، އެރަށެއްގެ ރަށްވެއްސަކަށް ވެވިގެންނެވެ. ރަށެއްގެ ރަށްވެއްސަކަށް ނުވެވި އެކަން ކުރުމަކީ ދަތި ކަމަކެވެ. ހުޅުމާލޭގެ ގޯއްޗަކަށް، ހުޅުމާލޭ ފްލެޓަކަށް އެދި ގުރުލުމުގައި ބައިވެރިވުމަށް ހުށަހެޅެނީވެސް މާލޭގެ ރަށްވެއްސަކަށް ވެވިގެންނެވެ. ވަކި ރަށެއްގައި ވަޒަންވެރިވާން އެހެން ރަށަކަށް ނިސްބަތްވާމީހަކު ބޭނުންނަމަ، އޭނާ އަށް މިޖެހެނީ، އެރަށުގައި މެދުނުކެނޑި 5 އަހަރު އުޅޭށެވެ. މިއީކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއް ކަމަށް ޤަބޫލުކުރެވޭ މިންވަރެއްނޫނެވެ. ލާމަރުކަޒީ އުޞޫލު ފަރުމާވެވި، ޕްރޮވިންސްތައް އަމިއްލަ ފައިމައްޗަށް ބަރޯސާވެގެންދާއިރު، ވަޒަންވެރިވުމުގެ ޙައްޤު ހަނިކޮށްފައި އޮތުމަކީ ތަރައްޤީއަށް އެޅޭނެ އެންމެ ބޮޑު ހުރަހެވެ.

ފޮރިން އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލާ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އެންމެ ފުރަތަމަ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެ ހުޅުވާލަން ވީއެވެ. ކޮންމެ މީހަކަށްވެސް ކޮންމެ ރަށެއްގައިވެސް ފަސޭހައިން ވަޒަންވެރި ވެވެންޖެހޭނެއެވެ. އަސާސީ ޙައްޤުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފޭނެ އުޞޫލުތަކެއް ޤާއިމް ކުރުމަކީ ނެތް ކަމެއްނޫނެވެ. ނަމަވެސް އެ ފަދަ އުޞޫލަކީ ރައްޔިތުނަށް ބޮޑު ތަކުލީފަކަށް ވެގެންނުވާނެއެވެ. ވާންޖެހޭނީ އިންސާފުވެރި އުޞޫލަކަށެވެ. ރަށްވެހިކަމާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އުވާލުމަށް، އަޅުގަނޑާއި ބަދުރު، ހުށަހަޅައިގެން މިއުޅޭ މައްސަލަ ކާމިޔާބު ވެއްޖެނަމަ، ދިވެހިރައްޔިތުންނަށް ވަޒަންވެރިވުމުގެ ޙައްޤު ފުޅާދާއިރާއެއްގައި ލިބިގެންދާނެއެވެ. އެމާއްދާ ބާޠިލްވުމުގެ މާނައަކީ އެމާއްދާއިން ބާރުލިބިގެން ހަދާފައިވާ އެންމެހާ ޤަވާއިދުތައްވެސް ބާޠިލް ވުމެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ދިވެހިރައްޔިތަކަށްވެސް ކޮންމެ ރަށަކުންވެސް ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ. އަޅުގަނޑު އުއްމީދު ކުރަނީ ރައްޔިތުންގެ ޙައްޤު ފުޅާ ކުރުމަށް މިކުރާ މަސައްކަތަށް، ދައުލަތުން ހުރަސްނާޅުއްވާނެ ކަމަށެވެ.


Share/Save/Bookmark

Sunday, February 1, 2009

ރައްޔިތުންގެ މަޖިލީހުން އައްޑޫ އަށް އިތުރު ގޮނޑިއެއް ހޯދުމަށް ދަފްތަރު ދޫކޮށް އަތޮޅަށް ރަޖިސްޓްރީ ބަދަލުކުރޭ



އިޞްލާޚު ކުރެވި މިދިޔަ 2008 އޮގަސްޓް 7 ގައި ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރާނެ މެންބަރުން ކަނޑައަޅަނީ އެއަތޮޅެއްގެ އާބާދީއަށް ބަލައިގެންނެވެ. މިގޮތުން އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް އަދި އާބާދީގައި ފަސްހާސް ހަމަނުވާ ކޮންމެ އަތޮޅަކުން ދެމެންބަރުން ހޮވާނެއެވެ. އާބާދީގައި ފަސްހާސް ހަމަވެފައި، އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް އިތުރު އެއް މެންބަރު އެއަތޮޅަކުން ހޮވާނެއެވެ. މެންބަރުން ހޮވުމުގައި ކޮންމެ އަތޮޅަކުން، އާބާދީގެ ނިސްބަތުން އެއަތޮޅަކުން ހޮވަންޖެހޭ މެންބަރުންގެ ގޮނޑީގެ އަދަދަށް، އެއަތޮޅެއް ވަކި އިންތިޚާބީ ދާއިރާތަކަށް ބަހަންވާނެއެވެ. ކޮންމެ އިންތިޚާބީ ދާއިރާއަކުން ހޮވޭނީ ސިއްރު ވޯޓުލައިގެން އެންމެ ގިނަ ވޯޓު ލިބޭ ކެނޑިޑޭޓެވެ.


މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުހަލާގައިވާ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ބިލުގެ ޑްރާފްޓްގައި ވާ އުޞޫލުގެ ދަށުން، ނޮވެމްބަރ 2008 ގެ ނިޔަލަށް ރާއްޖޭގެ އާބާދީއަށް ބަލައިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގައި ހިމެނޭނެ އަތޮޅުތަކުގެ ގޮނޑީގެ އަދަދު ކަނޑައަޅުއްވައި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި ޢާއްމުކުރައްވާފައެވެ. 6 އަތޮޅަކުން ދެމެންބަރުން، 7 އަތޮޅަކުން 3 މެންބަރުން، 4 އަތޮޅަކުން 4 މެންބަރުން، 2 އަތޮޅަކުން 5 މެންބަރުން، 1 އަތޮޅުން 6 މެންބަރުން އަދި މާލެއިން 11 މެންބަރުންނާއެކު މުޅިޖުމްލަ 76 މެންބަރުން ހޮވުމަށް އިލެކްޝަންސް އިން މިހާރު އެވަނީ ކަނޑައަޅުއްވައި އިޢުލާންކުރައްވާފައެވެ.

އިލެކްޝަނުން ގޮނޑި ކަނޑައެޅުއްވުމުގައި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގައި ތިބި 7045 މީހުން މާލޭގެ އާބާދީގައި ހިމަނުއްވައި، މާލޭގެ ކޮންމެ އިންތިޚާބީ ދާއިރާއަކަށް، ދަފްތަރު ނަންބަރު ތަރުތީބުން، ހަމަހަމައަށް ދަފްތަރުގައި ތިބި މީހުން ހިމަނުއްވައި ގޮނޑި ބައްސަވައިފިއެވެ. މީގެ ސަބަބުން މާލެއަށް އެއްގޮނޑި އިތުރު ވެގެންދެއެވެ. ދަފްތަރު ގައި ތިބި މީހުން އެމީހުން ނިސްބަތްވާ ދާއިރާތަކަށް ނިސްބަތްކޮށް އާބާދީ މުރާޖަޢާކޮށްފިނަމަ މާލެއިން އެއްގޮނޑި މަދުވާނެއެވެ. ނަމަވެސް އަތޮޅުތަކުން އެއްގޮނޑިއަށްވުރެ ގިނަ ގޮނޑި އިތުރުވާނެއެވެ. އިންތިޚާބީ ދާއިރާތަކުގެ ބިލް އެއޮތީ އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ސްޓޭޖްގައެވެ. އެބިލްގެ ބަހުޘް މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ވިދާޅުވީ ދަފްތަރަކީ އުވާލަންޖެހޭ އެއްޗެއްކަމަށެވެ. ދަފްތަރު އުވާލުމާއި މެދު ސަރުކާރުގެ ބައެއް އިސްވެރިންގެ މެދުގައި ހިޔާލުތާފާތު ވުމެއް އެބައުޅެއެވެ.


ދަފްތަރަކީ ރާއްޖެތެރޭ ނިކަމެތި ރައްޔިތުން މާލެ ޖަމާކުރަން މައުމޫނުގެ ސަރުކާރުން ޖައްސަވާފައިވާ ދަންތުރައެކެވެ. ރެފިއުޖީ ލިސްޓެކެވެ. މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގައި ރަޖިސްޓްރީ ވުމުން، އެމީހެއްގެ އައިޑީ ކާޑުގައި ދާއިމީ އެޑްރެހުގެ ގޮތުގައި އޮންނަނީ އެމީހެއްގެ ދަފްތަރު ނަންބަރެވެ. އެއެޑްރެހަކީ މުނިސިޕަލްޓީގައި އޮންނަ ފޮތެކެވެ. އޭގައި ރަޖިސްޓްރީވުމުން ނޫނީ މާލެ ސަރަހައްދުން ފްލެޓާއި ގޯތީގެ ގުރުލުމުގައި ބައިވެރިވެވޭ ކަމަކަށްނުވެއެވެ. އޭގެންކުރާ އަދި ކުރެވޭނެ އެހެން ބޭނުމެއް އަމުދަކުން މުސްތަޤުބަލްގައި ނެތެވެ. މިއަދު އެތައްބަޔަކު މިވަނީ މި ދަފްތަރަކާހެދި މަގުމަތި ވެފައެވެ. އެންމެ ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށް އެމީހަކު ނިސްބަތްވާ ދާއިރާއިން މެންބަރުން ކަނޑައެޅުމުގައި ޝާމިލް ވުމުގެ ފުރުޞަތުވެސް ގިނަބަޔަކަށް ގެއްލިގެންދަނީއެވެ. އެއްގޮތަކަށްވެސް އެކަމަށް ޖާގަދީގެން ނުވާނެއެވެ.


ދަފްތަރު ގައި ތިބޭ މީހުންނަށް އެކަނި ފްލެޓްތަކުގެ ގުރުލުމުގައި ބައިވެރިވުމަކީ މިހާރު ޤާނޫނުއަސާސީ ތަންދޭ ކަމެއްނޫނެވެ. ކުރިއަށް އޮތް ތަނުގައި ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު އެފުރުސަތު ލިބެންޖެހޭނެއެވެ. ޤާނޫނުއަސާސީގެ ރޫހަކީ އެއީއެވެ. މަޖިލީހުގެ މެންބަރުންގެ ރޫހުވެސް ހުރީ އެގޮތަށެވެ. ވުމާއެކު މާލޭ މުނިސިޕަލްޓީގެ ދަފްތަރު މިހާރުން މިހާރަށް އުވާލައި، ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދާއިރާތައް ކަނޑައެޅުމުގެ ކުރީން، ދަފްތަރުގައި ތިބި މީހުން ނިސްބަތްވާ ދާއިރާއެއްގައި އެމީހުން ރަޖިސްޓްރީކޮށް، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި ރައްޔިތުންގެ ތަމްސީލުވުން ހަމަހަމަގޮތެއްގައި ފުޅާކުރަން އެބަޖެހެއެވެ.


ނޮވެމްބަރ 2008 ގެ ނިޔަލަށް އައްޑޫގައި އޮތީ 29564 މީހުންގެ އާބާދީއެކެވެ. އެއާބާދީއަށް ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ 6 ގޮނޑިއެވެ. އައްޑު އަތޮޅަށް ރައްޔިތުންގެ މަޖިލީހުން 7 ގޮނޑި ލިބޭނީ އާބާދީގައި 30000 މީހުން ހަމަވެގެންނެވެ. ގޮނޑިއެއް އިތުރު ވުމަށް އައްޑޫ އިން މަދުވަނީ އެންމެ 436 މީހުންނެވެ.


ނޮވެމްބަރ 2008 ގެ އާބދީީއަށް ބަލައިގެން ގޮނޑިތަކުގެ އަދަދު ކަނޑައަޅުއްވާފައިވަނީ، 15 ފެބްރުއަރީ 2009 ގެ ކުރިން އިންތިޚާބު ބޭއްވުމުގެ މަޤްސަދުގައެެވެ. ނަމަވެސް މިހާރު މިދާގޮތުން އިންތިޚާބު މިއޮތީ ނުހަނު ފަސްވެފައެވެ. އެހެންކަމުން އަތޮޅުތަކުގެ ގޮނޑީގެ އަދަދު ކަނޑައެޅިގެންދާއިރު، ދަފްތަރުގައި ތިބި ރާއްޖެތެރޭގެ ރައްޔިތުން އެމީހުންގެ ވަޒަނުގައި ރަޖިސްޓްރީވެ، އެކަމުގައި އެމީހުން ނިސްބަތްވާ ދާއިރާގެ މަޞްލަހަތަށް އިސްކަންދިނުމުގެ ފުރުޞަތު ނުލިބޭންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އެޙައްޤު ނުލިބިއްޖެނަމަ ކޯޓު އެހެރީ މާދުރެއްގަނޫނެވެ.


ޚާއްސަކޮށް އަޅުގަނޑަކީ އައްޑުއަތޮޅަށް ނިސްބަތްވާ އައްޑޫއަށް ކުރިއެރުމާއި ކާމިޔާބު ލިބުން އެދޭ އައްޑުއަތޮޅުގެ ދަރިއަކަށް ވާހިނދު، މާލޭ މުނިސިޕަލްޓީގެ ދަފްތަރުން ވަކިވެ އުފަން ފަޚުރުވެރި އައްޑުއަތޮޅަށް ރަޖިސްޓްރީ ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ތަމްސީލުވުން ބޮޑުވާނެ ގޮތަށް ޢަމަލުކޮށްދެއްވުމަށް، ދަފްތަރުގެ ރަޖިސްޓްރީގައި ތިއްބެވި އައްޑޫގެ (2000) ދެހާހެއްހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.


ނިގޯވާ ކޫދަކާއް ކިރައް ނިލިބޭހެއް. ދަފްތަރި ތިބި އައްޑޫ މީހުންގެ ތެރެއިން ވީހެއި ގިނަ ބާކިއެ ދާއިމީ އެޑްރެސް އެމީހަކާގެ ރަށަށް ބަދަލު ކެރައު. އަދި މި މެސެޖާ ވީހެއިއަސް ގިނަ ބާކިންނަށް އަނގުވައި ދެއު. އަފިރިންނަށް 7 ގެނޑި ލިބޭއްވޭހެއް. ލިބޭނެއި ހޯދާއް ހިނގަގެން.



Share/Save/Bookmark