Monday, February 9, 2009

ރަށްވެއްސަކަށް ވުމަށް އެރަށެއްގައި މެދުނުކެނޑި 5 އަހަރު އުޅެން ޖެހޭ އުޅުން ބާޠިލް ކުރުމުގެ ދަޢުވާ

އަޅުގަނޑާއި، ސ.ހިތަދޫ ނަސީމީ މަންޒިލް ބަދުރުއްދީން ނަސީމް އާއި ދެމީހުންގެ ނަމުގައި، ދަޢުލަތަށް ރައްދުވާގޮތަށް، 8 ފެބްރުއަރީ 2009 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދަޢުވާ އެކޯޓުން ވަނީ ބަލައިގެންފައެވެ. މިއީ ޤާނޫނެއްގެ މާއްދާއެއް ޤާނޫނު އަސާސީއާ ޚިލާފުވާތީ، އެމާއްދާ އުވާލަން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ.

ދަޢުވާގެ ޚުލާސާ

ޤާނޫނު ނަންބަރު 78/46 ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ވަނީ؛ "މިޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކޮށްދެވޭ މީލާދީގޮތުން 16 އަހަރު ފުރިފައިވާ މީހުން ރަޖިސްޓަރީ ކޮށްދޭނީ، އެމީހަކު ދިރިއުޅުމުގެ ގޮތުން މެދުކެނޑިމެއްނެތި 5 އަހަރުދުވަހު އުޅެފައިވާ ރަށެއްގައެވެ. އެއްރަށެއްގައި 5 އަހަރު ހޭދަކޮށްފައި ނުވާނަމަ، އެމީހެއްގެ ބައްޕަ ނުވަތަ މަންމަ ރަޖިސްޓަރީ ކުރެވިފައިވާ ރަށެއްގައެވެ. މިގޮތުން ރަޖިސްޓަރީ ކޮށްދެވޭ މީލާދީގޮތުން 16 އަހަރު ނުފުރޭ ކުދިން ރަޖިސްޓަރީކޮށްދޭނީ، އެކުއްޖެއްގެ ބަލަދުވެރިޔާ އެދޭ، އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައެވެ." މިފަދައިންނެވެ.

ޤާނޫނު އަސާސީގެ 41 ވަނަ މާއްދާ ގެ (ށ) ގައި ވަނީ؛ "ދިވެހިރާއްޖޭގައިމީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިފަދައިންނެވެ.

ޤާނޫނު އަސާސީގެ 16 ވަނަ މާއްދާ ގެ (ހ) ގައި ވަނީ؛ "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ.

އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." މިފަދައިންނެވެ.

ޤާނޫނު ނަންބަރު 78/46 ގެ 2 ވަނަ މާއްދާގެ (ށ) ގައި ވަނީ، ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) ގައި ދިވެހިރައްޔިތުންނަށް ލިބިދީފައިވާ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރި ވުމުގެ ޙައްޤު ހަނިކޮށްފައެވެ. މިޙައްޤު ހަނިކޮށްފައި މިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ވުރެ އިތުރަށެވެ.

އެހެންކަމުން އަޅުގަނޑުމެން ދަޢުވާ ހުށަހަޅާފައި ވާނީ، ޤާނޫނު އަސާސީގެ 41 ވަނަ މާއްދާ ގެ (ށ) އިން ދިވެހި ރައްޔިތުންނަށް ލިބިދޭ ވަޒަންވެރިވުމުގެ ޙައްޤު ޤާނޫނުއަސާސީއާ ޚިލާފަށް ހަނިކޮށްފައިވާތީ، ޤާނޫނު ނަންބަރު 78/46 (ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނުގެ) 2 ވަނަ މާއްދާގެ (ށ) ބާޠިލްކޮށްދިނުމަށެވެ.

މައްސަލަ ހުށަހެޅި ސަބަބާއި ލަނޑުދަނޑި

މި ދަޢުވާ ހުށަހެޅި ފަހުން އަޅުގަނޑާއި ދިމާވި ތިލަދުންމަތީ އުތުރު ބުރީ ރަށެއްގެ ކައުންސިލަރަކު ބުނީ، އޭނާ މަޤާމާއި ހަވާލުވީ ފަހުންވެސް، ވަރަށް ކުޑައިރުއްސުރެ އެރަށުން ބޭރުގައި އުޅެމުންދާ، އެރަށަށް ނިސްބަތްވާ ޢުމުރުން 60 އަހަރުން މަތީގެ މީހަކު އެރަށުގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅި ކަމަށާއި، އޭނައަށް ދޭން ޖެހުނު ޖަވާބަކީ ރަށްވެއްސަކަށްވުމާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ ކަމަށެވެ. އެއީ ވަރަށް ގިނަ މީހުން ތަޖުރިބާކުރަމުންދާ ހިތްދަތިކަމެކެވެ.

އެމީހެއްގެ އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒަންވެރިވުމަކީ، ރަށްވެއްސަކަށް ވުމާ ބެހޭ ޤާނޫނު މިހާރު އޮތް ގޮތުން، ވަރަށް ބޮޑު ތަކުލީފެކެވެ. ހަޤީޤަތުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރި ވުމުގެ "ޙައްޤު" ފުރިހަމައަށް ލިބޭނީ އެރަށެއްގެ ރަށްވެއްސަކަށް ވެވިގެންނެވެ. ރަށަކުން ބިމެއް ނުވަތަ ފެލެޓެއް ލިބޭނީ، އެރަށެއްގެ ރަށްވެއްސަކަށް ވެވިގެންނެވެ. ރަށެއްގެ ރަށްވެއްސަކަށް ނުވެވި އެކަން ކުރުމަކީ ދަތި ކަމަކެވެ. ހުޅުމާލޭގެ ގޯއްޗަކަށް، ހުޅުމާލޭ ފްލެޓަކަށް އެދި ގުރުލުމުގައި ބައިވެރިވުމަށް ހުށަހެޅެނީވެސް މާލޭގެ ރަށްވެއްސަކަށް ވެވިގެންނެވެ. ވަކި ރަށެއްގައި ވަޒަންވެރިވާން އެހެން ރަށަކަށް ނިސްބަތްވާމީހަކު ބޭނުންނަމަ، އޭނާ އަށް މިޖެހެނީ، އެރަށުގައި މެދުނުކެނޑި 5 އަހަރު އުޅޭށެވެ. މިއީކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއް ކަމަށް ޤަބޫލުކުރެވޭ މިންވަރެއްނޫނެވެ. ލާމަރުކަޒީ އުޞޫލު ފަރުމާވެވި، ޕްރޮވިންސްތައް އަމިއްލަ ފައިމައްޗަށް ބަރޯސާވެގެންދާއިރު، ވަޒަންވެރިވުމުގެ ޙައްޤު ހަނިކޮށްފައި އޮތުމަކީ ތަރައްޤީއަށް އެޅޭނެ އެންމެ ބޮޑު ހުރަހެވެ.

ފޮރިން އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލާ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އެންމެ ފުރަތަމަ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެ ހުޅުވާލަން ވީއެވެ. ކޮންމެ މީހަކަށްވެސް ކޮންމެ ރަށެއްގައިވެސް ފަސޭހައިން ވަޒަންވެރި ވެވެންޖެހޭނެއެވެ. އަސާސީ ޙައްޤުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފޭނެ އުޞޫލުތަކެއް ޤާއިމް ކުރުމަކީ ނެތް ކަމެއްނޫނެވެ. ނަމަވެސް އެ ފަދަ އުޞޫލަކީ ރައްޔިތުނަށް ބޮޑު ތަކުލީފަކަށް ވެގެންނުވާނެއެވެ. ވާންޖެހޭނީ އިންސާފުވެރި އުޞޫލަކަށެވެ. ރަށްވެހިކަމާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އުވާލުމަށް، އަޅުގަނޑާއި ބަދުރު، ހުށަހަޅައިގެން މިއުޅޭ މައްސަލަ ކާމިޔާބު ވެއްޖެނަމަ، ދިވެހިރައްޔިތުންނަށް ވަޒަންވެރިވުމުގެ ޙައްޤު ފުޅާދާއިރާއެއްގައި ލިބިގެންދާނެއެވެ. އެމާއްދާ ބާޠިލްވުމުގެ މާނައަކީ އެމާއްދާއިން ބާރުލިބިގެން ހަދާފައިވާ އެންމެހާ ޤަވާއިދުތައްވެސް ބާޠިލް ވުމެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ދިވެހިރައްޔިތަކަށްވެސް ކޮންމެ ރަށަކުންވެސް ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ. އަޅުގަނޑު އުއްމީދު ކުރަނީ ރައްޔިތުންގެ ޙައްޤު ފުޅާ ކުރުމަށް މިކުރާ މަސައްކަތަށް، ދައުލަތުން ހުރަސްނާޅުއްވާނެ ކަމަށެވެ.


Share/Save/Bookmark

1 comment:

  1. މޫސާ އަންވަރުމެންގެ ތިޔަ މަސައްކަތަށް ތާއިދު ކުރަމެވެ.

    ReplyDelete